ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލައި، ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ހުޅުމާލެ ފޭސް އެކެއްގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ގަލޮޅު ދަނޑު ތަޅާލައި، ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ހުޅުމާލެ ފޭސް އެކަކަށް ބަދަލު ކުރުން ކަމަށެވެ.
ގަލޮޅު ދަނޑަކީ ރާއްޖޭގެ ކުޅިވަރުގެ ބޮޑު ތާރީހެއް އޮތް ތަނެއް ނަމަވެސް، އެ ދަނޑަކީ މިހާރު އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ގޮތުގައި ތަރައްގީ ކުރަން އެންމެ އެކަށޭނެ ތަނެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ގަލޮޅު ދަނޑުގެ މިހާރުގެ ހާލަތަށް ބަލާއިރު، އެ ތަން ތަޅާނުލައި އެހެން ގޮތަކަށް ބަދަލުނުކޮށް ބަހައްޓާވަރުގެ ހާލަތެއްގައި ނެތް ކަމަށެވެ.އެހެން ކަމުން ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އާންމުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަކަށް އޮންނަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އޭރުން އަޅުގަނޑުމެންނަށް ސްޕޯޓްސް ސެކިއުރިޓީ އާއި އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ގާއިމްކުރެވިގެންދާނީ، އަދި ޓްރެފިކް އާއި ޕާކިން އާއި މި ހުރިހާ ކަމަކަށް ބަލާފައި އެ ތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އެ ގޮތަށް އަޅުގަނޑުމެންގެ ވިސްނުމަކީ،“ މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމާއެކު ހުޅުމާލޭ ފޭސް އެކެއްގައި ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް އިމާރާތް ކުރެވިގެންދާނެއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ، މި ބަދަލާ އެކު ބައިނަލްއަގްވާމީ ކުޅިވަރުގެ ރައްކާތެރި މިންގަނޑުތަކަށް ފެތޭ، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ފެނިގެންދާނެ ކަމަށެވެ.



