ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ގިނަ ދައުވާތަކެއް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.
މީރާއިން ޕީޖީ އޮފީހަށް މި މައްސަލަ ފޮނުވީ މި ދެ ބޭފުޅުންގެ މަސްލަހަތު އޮންނަ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން މީރާއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަށް ތުހުމަތުކޮށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޑރ. އަލީ ލަތީފްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް އަދި ޑރ. އިކްލީލްގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފައެވެ.
މި މައްސަލައިގައި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ދެ ދައުވާއެއް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ތިން ދައުވާއަކާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. މީގެ އިތުރުން، އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބުތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި އަލީ ފަޔާޒުގެ މައްޗަށް ވެސް ފަސް ދައުވާއެއް ވަނީ ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ޑރ. އިކްލީލަކީ މި ދެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރެވެ. އަދި ޑރ. އަލީ ލަތީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ 50 އިންސައްތަ ހިއްސާ އޮންނަ، ކޮވިޑް ދުވަސްވަރު އެ ކުންފުނިތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއްކަން ތަހުގީގަށް ވަނީ ހޯދިފައެވެ.
ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.
މީރާއިން ބުނި ގޮތުގައި، ޕީސީއާރް ޓެސްޓިންގެ ޑިމާންޑް ބޮޑުވި ދުވަސްވަރު މި ދެ ކުންފުނިން ހުށަހެޅި އިންކަމް ޓެކްސް ބަޔާންތަކުގައި އާމްދަނީ ބޮޑުތަނުން ދަށްކޮށްފައިވެއެވެ. މީރާގެ އޮޑިޓުން ދައްކާ ގޮތުގައި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް އިން 23.7 މިލިއަން ރުފިޔާ އިތުރަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހެއެވެ.



