ހުޅުމާލެ ފޭސް 2 ގެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ކުރިއަށްގެންދިޔަ މަސައްކަތްތައް ނިންމާލައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މި މަސައްކަތުގެ ތަފްސީލް ހިއްސާކުރަމުން ސްޓެލްކޯއިން ބުނީ، މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ވެސް ވަނީ ފުރިހަމަކުރެވިފައެވެ.

އެ ފްލެޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ބޮޑު ލޯނެއްގެ ދަށުން އަޅާ ފްލެޓުތަކެކެވެ.
އެ މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން އަޅާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.



