އިނގިރޭސި ވިލާތުގެ މަޝްހޫރު ބެކަމް އާއިލާގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި، ބްރޫކްލިން ބެކަމް އޭނާގެ މައިންބަފައިން ކަމަށްވާ ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ބްރޫކްލިން މި ތުހުމަތުތައް ކުރީ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ދިގު ބަޔާނެއްގައެވެ.
ބްރޫކްލިން ބުނި ގޮތުގައި، އޭނާގެ މައިންބަފައިންގެ އަމަލުތަކުގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭނާ ބުނި ގޮތުގައި ޑޭވިޑްއާއި ވިކްޓޯރިއާއަކީ ކެމެރާތަކަށް އެމީހުންގެ ދިރިއުޅުން ވިއްކާލައިގެން މީޑިއާގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ބައެކެވެ. އަދި އާއިލީ ގުޅުންތައް ވެސް އެ ދެމަފިރިން ބޭނުންކުރަނީ އެ މަގްސަދު ހާސިލުކުރުމަށް ކަމަށް އޭނާ ތުހުމަތުކުރިއެވެ.
”އެމީހުންނަކީ އެމީހުންގެ ދިރިއުޅުން ކެމެރާތަކާއި މީޑިއާގެ ވަށައިގެން ގެންގުޅޭ ބައެއް. އަހަންނަށް އެއަށްވުރެ އަހަރެންގެ ޒާތީ މިނިވަންކަން މުހިއްމު،“ ބްރޫކްލިންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އޭނާއާއި އޭނާގެ އަންހެނުން ނިކޮލާ ބެކަމްގެ ކައިވެނި ރޫޅާލުމަށް ވެސް މައިންބަފައިން އެކި ގޮތްގޮތުން މަސައްކަތް ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި މިހާ ދުވަސްވަންދެން ހަނު ހުރި ނަމަވެސް، ކަންތައްތައް ހައްދުފަހަނަޅައި ދިއުމުން އަމިއްލަ ނަފްސުގެ ހައްގުގައި ތެދުވަން ނިންމީ ކަމަށް ބްރޫކްލިން ބުންޏެވެ. އޭނާ ހާމަކުރި ގޮތުގައި އާއިލާގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބައްޕައާ ބައްދަލުކުރަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފައެވެ.
ބްރޫކްލިންގެ މި ވާހަކަތަކާ ގުޅިގެން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ޑޭވިޑްއާއި ވިކްޓޯރިއާ ދިފާއުކުރަމުން ބުނަމުންދަނީ، ބްރޫކްލިން މިފަދަ ބަޔާނެއް ނެރުނީ އޭނާގެ އަންހެނުން ނިކޮލާގެ ނުފޫޒުގެ ދަށުން ކަމަށެވެ.
ނަމަވެސް ބްރޫކްލިން ވަނީ އެ ވާހަކަތައް ދޮގުކޮށް، އޭނާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވަނީ އޭނާގެ މައިންބަފައިން ކަމަށް ތަކުރާރުކޮށް ބުނެފައެވެ.



