މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ (މިފްކޯ) އިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފިއެވެ.
އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.
މިފްކޯގެ ސީނިއަރ މެނޭޖަރ، ޕީއާރް، ޝިފްޒާ މުޞްޠަފާ ވިދާޅުވީ، އިއްޔެއިން ފެށިގެން ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރުގެ އިތުރުން ފުވައްމުލަކާއި، ގދ. ގައްދޫ އަދި ގދ. ތިނަދޫގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި މިފްކޯއިން މިހާރު ގަންނަމުންދަނީ ކިލޯއެއް 25 ރުފިޔާގެ މަގުންނެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމާ ގުޅޭގޮތުން ޝިފްޒާ ވިދާޅުވީ، ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާނެ ކަމަށެވެ. މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ނިންމި ނިންމުމެއްކަން ޝިފްޒާ ފާހަގަކުރެއްވިއެވެ.
މިފްކޯ އިން މި މަހުގެ 12 ވަނަ ދުވަހު ވަނީ ކ. ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، އެ ތަނުން އަލުން މަސް ގަންނަން ފަށައިފައެވެ. ކަނޑުއޮތްގިރިއަކީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްއެންޑީއެފާ ހަވާލުކުރި ރަށެއް ނަމަވެސް، 2025 ވަނަ އަހަރުގެ ތެރޭގައި އެ ރަށް ވަނީ އަނެއްކާވެސް މިފްކޯއާ ހަވާލުކޮށްފައެވެ.
މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރު ފާހަގަކުރެއްވި ގޮތުގައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އިރު، މިހާރު އެތަނަށް ބޮޑުކަންނެލީގެ އިތުރުން ކަޅުބިލަމަސްވެސް ގަންނަން ވަނީ ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ ކަނޑުއޮތްގިރީގެ މަސް ބަންދުކުރުމުގެ ކާރުހާނާގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، މަސްވެރިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ.




