ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިއަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ބުރިޖުން ގުޅާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ކޮންސްޓްރަކަޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް، ކޮންޓްރެކްޓަރުގެ ހުރި ބައެއް ދަތިތަކާހުރެ ބޭނުންވާ އެންމެ ބާރު ދުވެލީގައި މަސައްކަތް ނުދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން އިތުރު ފައިސާއަކާ ނުލައި މަޝްރޫޢުގެ މުއްދަތަށް 30 މަސްދުވަސް އިތުރުކޮށްދީފައިވާކަން ފާހަގަކުރައްވައި، މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
”މި ބަލަނީ، މިއަހަރު ނިމެންވާއިރަށް ވިލިމާލެއާ ހަމައަށް މަސައްކަތް ނިންމާލެވޭނެކަމަށް. ގުޅިފަޅުގައިވެސް މީހުން އަބާދުވާން ފަށަންވާއިރަށް މަސައްކަތް އަވަސްކުރަން ބޭނުންވޭ. މިހާރު ދާގޮތުން މުޅި މަޝްރޫޢު ނިންމާލެވޭނީ 2027ގެ ނިއަލަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގެ ގާތްގަނޑަކަށް %70 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހަތަރު ރަށް ގުޅާލުމަށް ބޭނުންވާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ މަސައްކަތްވެސް ވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައެވެ. މިހާތަނަށް ތަނބުތަކުގެ މަސައްކަތަށް 263 ހޮޅި ފައްތާފައިވެއެވެ.
މީގެ އިތުރުން، ގުޅިފަޅުގައި ހުންނަ މައި ސައިޓުގައި ބުރިޖުގެ ތަނބުތައް ގުޅާލުމަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ. ޖުމްލަ 1222 ސެގްމަންޓްގެ ތެރެއިން 500 އެއްހާ ސެގްމަންޓް މިހާރު ވަނީ ގުޅާލާފައެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ މި ބުރިޖާއި ކޯޒްވޭތަކުގެ ޖުމްލަ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު ޚަރަދުވާ މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ފައިސާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.



