މާލޭގެ ވިޔަފާރި ބަނދަރުގައި ޑިއުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފަކު ފިޓުޖެހިގެން ނިޔާވެއްޖެއެވެ.
އެމްޕީއެލްއިން ބުނީ، މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން އަބްދުލް ހަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެންދިޔަ ފަހުން ވަނީ ނިޔާވެފައި ކަމަށެވެ.
ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ، އެ ހާދިސާ ހިނގުމާއެކު، ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، ވަނީ އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށެވެ.
އެމްޕީއެލްއިން ބުނީ، އަމީން ނިޔާވީ އައިޖީއެމްއެއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އަމީން (30އ) މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގައި ކަމަށާއި އެ ކުންފުނީގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރުގައި ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
ފުލުހުން ދެންމެ ބުނީ ވިޔަފާރި ބަނދަރުގައި އޮތް ދެ ޓަގު ބޯޓުގެ ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



