ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާލޭ ސިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ”ދޮރުން ދޮރަށް“ ހަރަކާތް ރަސްމީކޮށް ފަށައިފިއެވެ.
މި ހަރަކާތަކީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ.
މާލޭގައި ހުންނަ ޕީއެންސީ މައި ހަރުގެ ސަރަހައްދުން މިއަދު ފެށި އެ ހަރަކާތުގައި މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މާލޭގެ ހުރިހާ އަވަށްތަކުގެ ގެތަކަށް ޒިޔާރާތްކޮށް ކެންޑިޑޭޓުންގެ ސިޔާސަތުތައް ވެސް ކިޔައިދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދާން ހަމަޖެހިފައިވާ ކަމަށް ޕީއެންސީއިން ބުންޏެވެ.
މި ހަރަކާތް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. މި ޖަލްސާގައި މާލޭގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، މިއަދު މި ފެށުނު ހަރަކާތަކީ މާލެ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ހުރިހާ މެންބަރުން ރައްޔިތުންނާ ބައްދަލުކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންތިހާބުކުރެވޭ ހުރިހާ ގޮނޑިއަކަށް ކަހަލަ ގޮތަކަށް ޕީއެންސީގެ ފަރާތުން ކެނޑިޑޭޓުން ކުރިމަތިލާފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާހްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް މަސައްކަތްކުރައްވާ ހަމައެކަނި ރައީސްގެ ގޮތުގައި ސިފަކުރެއްވިއެވެ. ރައީސް މުއިއްޒު ރައްޔިތުންގެ ހާލު ބެއްލެވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާކަން ފަލާހް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ރޫހު މި ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ފެނިގެންދާނެ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.



