ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ފެށުން ކަމަށެވެ.
”މިއަދު މި އިހްތިފާލުވެގެން މިދަނީ މިރަށަށް އެހާމެ މުހިންމު މަޝްރޫޢެއް. ޞިއްޙީ މަރުކަޒަަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ މިއަދު މި އެޅިގެންދިޔައީ. މިއީ ރިނބުދޫ ފަދަ އާބާދީ ބޮޑު ރަށްރަށަށް އެހާމެ މުހިންމު މަޝްރޫޢެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި އައު އިމާރާތާއެކު މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ އަދި ވަސީލަތްތަކުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އައު އިމާރާތުގައި ޤާއިމުކުރެވޭ މުޅިން އައު ޚިދުމަތްތަކާއެކު، ރަށުގެ ރައްޔިތުން ފަރުވާ ހޯދުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
އަދި މީގެ ސަބަބުން ރަށުގައި ތިބެގެން ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.




