ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ”ތެރެ އިޝްގް މޭ“ ނެޓްފްލިކްސް އަށް ދޫކޮށްލައިފިއެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން އުފައްދާފައިވާ ރޮމޭންޓިކް ޑްރާމާއެކެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ މަޝްހޫރު ތަމަޅަ އެކްޓަރު ދަނޫޝް އާއި ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ހުނަރުވެރި ބަތަލާ ކްރިތީ ސެނަން އެވެ.
”ތެރެ އިޝްގް މޭ“ ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ރާޖް، ޓާޓާ ރޯއި ޗައުދަރީ، ޕްރިޔަންޝޫ ޕައިނޫލީ، ވިނީތު ކުމާރު ސިންގް އަދި މުހައްމަދު ޒީޝާން އައްޔޫން ފަދަ ފާހަގަކޮށްލެވޭ ތަރިން ހިމެނެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 28 ގައި ރިލީޒްކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެގޮތުން ޖުމްލަ 85 ކްރޯޑް ރުޕީސް (9.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 161 ކްރޯޑް ރުޕީސް (17.7 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.



