މިއަހަރުގެ ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މާލެއާއި އަތޮޅުތަކުގައި ގިނަ ޕްރޮގްރާމްތަކެއް ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ، ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން އެންމެ ދިގު މުއްދަތަކަށް ހިންގަމުން އަންނަ ”އިޙްޔާ ފޯރަމް”ތަކެވެ.
އިސްލާމިކް މިނިސްޓްރީގެ ދަޢުވާ އެންޑް ގައިޑެންސް ސެކްޝަންގެ އަޙްމަދު ރައްސާމް ވިދާޅުވީ، މިއަހަރު އެހެން އަހަރުތަކަށްވުރެ ގިނަ ރަށްތަކުގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި 8 ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުގެ އެކި ސިޓީތަކާއި ރަށްރަށުގައި 11 ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިޙްޔާ ފޯރަމްތަކަކީ އެކި މަޢުޟޫތަކަށް ދަރުސްދީ، އާއްމުންނަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން ދީނީ ފޮތްތައް ހަދިޔާކުރުމާއި އިނާމު ދިނުންވެސް މި ފޯރަމްތަކުގެ ތެރޭގައި ކުރިއަށްދާނެއެވެ.
އަދި މިއަހަރު އަލަށް، ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޚާއްސަ ވީޑިއޯ ކޮންޓެންޓްތަކެއް އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މުވައްސަސާތަކާއި ޖަމްޢިއްޔާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ރަމަޟާން މަހުގެ އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެއެވެ.
އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ”މަރުޚަބާ ރަމަޟާން” ހަވީރަކާއި، މާލޭގައި ބާއްވާ ބޮޑު ދަރުހެއްވެސް މިއަހަރުގެ ރަމަޟާން މަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.



