ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރަން ފެށުމާ އެކު، ރޭ އެކަނި ވެސް މާލެ ސަރަހައްދުން 4،196 ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި ރޭ 8:30 އިން 11:00 އާ ހަމައަށް، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެކި މަރުކަޒުތަކުން ޖުމްލަ 4،196 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެއީ ޖުމްލަ 783 ކޭހެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން 11:00 އަށެވެ.
ލޯކަލްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުރިހާ ގޭބިސީތަކަށް މަސްދަޅު ދޫކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަހަރު ވެސް ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް ގިނަ މަރުކަޒުތަކެއް ވަނީ ކަނޑައަޅާފައެވެ.
- މާލެ: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުގެ 4 ސަރަހައްދެއް.
- ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގް، ޕޮލްކޯ ޓަވަރު ތިރީ އަދި މުހައްމަދު ގާސިމް ޕްރީސްކޫލް.
- ހުޅުމާލެ ފޭސް 2: ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10 އަދި ވިނަރެސް ފްލެޓް ސަރަހައްދު.
- ވިލިމާލެ: ވެމްކޯ ސައިޓް.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 18 ވަނަ ދުވަހެވެ.


