ހުޅުމާލޭ ފަޅު ތެރެއިން ދޫކުރި ގޯތިތައް ދިނުމަށްޓަކައި ހިއްކަންޖެހޭ ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި، ދެން ކުރިއަށް އޮތީ ގިރާވަރުފަޅު ހިއްކާ ނިންމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް ތިނެއް މިހާރު ހިއްކާ ނިމިފައިވާ މަންޒަރާއި 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ ސަރަހައްދު އޮތްގޮތް ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވަމުންނެވެ.
”ފޭސް ތިނަކުން ހިއްކަން ކަނޑައެޅި ސަރަޙައްދު ހިއްކާ ނިމިއްޖެ. ދެން އޮތީ ގިރާވަރުފަޅުން ހިއްކަން ކަނޑައަޅާފައިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުރުން،“ ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މި ސަރަހައްދުން ގޯތި ދޫކުރަން ނިންމި ނަމަވެސް، ވެރިކަން ބަދަލުވިއިރުވެސް އެ ސަރަހައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އޮތީ އެކަށީގެންވާ ގޮތެއްގައި ނުފެށިއެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ ފަޅު ހިއްކާ، ގޯތި ލިބުނު މީހުންނަށް އެ ޙައްޤު ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކުރީގެ ސަރުކާރުން ރިޔާސީ އިންތިޚާބާ ދިމާކޮށް އަވަސް އަރުވާލައިގެން ގޯތި ދޫކުރިއިރު، ހުޅުމާލޭ ފޭސް ތިނަކުން އެކަނިވެސް 698 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ނަމަވެސް އޭރު އެ ސަރަހައްދުން ހިއްކާފައި އޮތީ ވަރަށް ކުޑަ މިންވަރެކެވެ. ރައީސް ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިހާރު އެ ސަރަހައްދަށް ވަނީ ބޮޑު ބަދަލެއް އައިސް، ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލާފައެވެ.
Hulhumale Phase 3 reclamation completed. Next to be completed: Giraavaru falhu reclamation pic.twitter.com/nH3mt6xH9b
— Dr Mohamed Muizzu (@MMuizzu) January 25, 2026
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއު ހަލުއި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެއިން ޕްލޭންކޮށްފައިވާ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި، މި އަހަރުގެ މާޗު ނުވަތަ އޭޕްރީލު މަހުގެ ތެރޭގައި ލިޔުން ހަވާލުކޮށް ނިމޭނެ ކަމަށެވެ.


