މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ޓީޗަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މ. އަތޮޅު މަދަރުސާގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ މަގާމު އަދާކުރަމުންދިޔަ މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނީ އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މި މައްސަލައިގެ ތަފްސީލު ހާމަކުރައްވަމުން ޕީޖީ އޮފީހުން ވިދާޅުވީ، ޝުޢައިބު ޢަބްދުﷲ އޭނާ ކިޔަވައިދޭ ދެ ކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާ ކަމަށާއި، އަދި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާ ކަމަށެވެ.
ޝުޢައިބު ޢަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާތައް:
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން
- ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން
ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދައުވާތައް ޝުޢައިބު ޢަބްދުﷲގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ.



