އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 1،010 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާތަނަށް ޝަރުތު ހަމަވެފައިވަނީ 750 ފަރާތެއްގެ ފޯމެވެ. ބާކީ ހުރި ފޯމުތަކުގެ ތެރެއިން 77 ފަރާތަކުން، ޝަރުތު ހަމަނުވާތީ އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ޝަރުތު ހަމަވި 750 ފޯމުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށަހެޅި 617 ފޯމާއި، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 133 ފޯމެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް ވެސް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އެ ކޮމިޓީތަކަށް 734 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 574 ފޯމެއްގެ ޝަރުތު ހަމަވާ ކަމަށް އީސީން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ޕާޓީތަކުން ހުށަހެޅި 488 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 86 ފޯމެވެ.
މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
މި އިންތިހާބުތަކުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 އެވެ.




