މީހެއްގެ މީސް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް (ހެކްކޮށް)، އެ މީހާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ 10 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / ގުޑްލައިފް، މުޙައްމަދު ޙަސަން (59އ) އާއި ސ. ހިތަދޫ / އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ (26އ) އާއި ސ. ހިތަދޫ / ނަންރީތިގެ، ޢަލީ ޝިރާޒު (38އ) އާއި ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ) އާއި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) އާއި މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު ޢަލީ (30އ) އާއި ހއ. ކެލާ / ޕެނަމާ، މުޙައްމަދު ސިމާދު (38އ) އާއި ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އާއި ކ. ހިންމަފުށި / މެޑޯޒް، މުޙައްމަދު އިބްރާހީމް (49އ) އެވެ.
ފުލުހުން ބުނިގޮތުގައި، މި މީހުންގެ ތެރެއިން އެކަކު ހިންމަފުށިން ހައްޔަރުކޮށްފައިވާއިރު، 3 މީހަކު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީންނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.
ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވާ ކަމަށާއި އަނެއް 3 މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުންނެވެ.
މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް ފަސްދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން ހަތްދުވަހަށް، ޢަލީ ޢިރުފާން އަޙްމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.




