ދިވެހިރާއްޖެއިން ބޭނުންވަނީ އިންޑިޔާއާއެކު ބާއްވާ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމަށްވެސް ފައިދާވާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިޔާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ހިއްސާ ކުރެއްވި މެސެޖުގައި، އިންޑިޔާގެ ރައީސް ޝްރީ ޑްރައުޕަދީ މުރްމު އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، އިންޑިއާގެ އެންމެހާ ރައްޔިތުންނަށް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި، އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އިންޑިޔާގެ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާކުރުމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ.
ރާއްޖެއިން ބޭނުންވަނީ ދެގައުމުގެ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން ފައިދާވާނެ ގޮތަށް މަސައްކަތްކުރުމަށް ކަމަށްވެސް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލައި، ޢަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ. އެއީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. އަދި އެ ދުވަހަކީ އިންޑިޔާގެ ފުރަތަމަ ރައީސް ޑޮކްޓަރ ރަޖެންދްރާ ޕްރަސާދް، ރައީސްކަމުގެ ހުވާކުރެއްވި ތާރީޚީ ދުވަސްވެސް މެއެވެ.



