ފްރާންސްގައި އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް އެ ގައުމުގެ ނެޝަނަލް އެސެމްބްލީގައި ފަށައިފިއެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް އިންސްޓަގްރާމް، ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރުމެވެ.
ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ، އުންމީދު ކުރައްވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށާ އާ ދިރާސީ އަހަރާ އެކު މި ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މެކްރޯން ވިދާޅުވީ، މިއީ ގައުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ އާންމު ސިއްހަތަށާއި، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން މެކްރޯން ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ސޯޝަލް މީޑިއާއިން ދުރުކުރުމުގެ މި ހަރަކާތަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިހާރު ފެށިފައިވާ މަސައްކަތެކެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހު އޮސްޓްރޭލިއާގައި ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައެވެ.
މީގެ އިތުރުން މެލޭޝިއާ އާއި އިނގިރޭސިވިލާތުން ވެސް އަންނަނީ މިފަދަ ގާނޫނުތައް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ.




