މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އެކަމަށްޓަކައި އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ. ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް ވަނީ ބަންގްލަދޭޝްގެ މަޝްހޫރު ޔުނިވަރސިޓީތަކާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ޔުނިވަރސިޓީ އޮފް ޑާކާ، ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސް އަދި ބަންގްލަދޭޝް މެރިޓައިމް ޔުނިވަރސިޓީ ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ހައި ކޮމިޝަނަރ ވިދާޅުވީ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިރާސާކުރުމާއި، ތަމްރީނު ދިނުމާއި، ދަރިވަރުންނާއި މުދައްރިސުން ބަދަލުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިންގ ސައިންސާއި އާކިޓެކްޗަރާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމު ނުވަތަ ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ.
އެމްއެންޔޫއިން ހާމަކުރި ގޮތުގައި، މި ފަހުމްނާމާގެ ދަށުން ޔުނިވަރސިޓީތަކުގެ ދެމެދުގައި ތަޢުލީމީ އަދި އިސްތިރާޖީ ގޮތުން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރާނެއެވެ. މީގެ ތެރޭގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި، އިންޖިނިއަރިންގ ޓެކްނޮލޮޖީ، ވިޔަފާރި އަދި ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.




