މޫސާ އަލީ ޖަލީލަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން ކަމަށާއި ވޯޓު ދޭންޖެހޭނީ އެފަދަ އިޚްލާސްތެރި ބޭފުޅުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިސާ މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލު 1988 ނޮވެމްބަރު 3 ގައި ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއާއި ދެއްކެވި ހިތްވަރު މެޑަމް ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާ ވިދާޅުވީ އެފަދަ ގުރުބާނީއެއް ގައުމަށްޓަކައި ވެވަޑައިގަތް ބޭފުޅެއްގެ ހިތްޕުޅުގައި ގައުމަށް އޮންނާނެ ލޯތްބާއި، ގައުމަށްޓަކައި މަސައްކަތްކުރައްވާނެ ގޮތް އެއްވެސް މީހަކަށް ނޯޅޭނެ ކަމަށެވެ.
”އެފަދަ ބޭފުޅެއްގެ ހިތުގައި ގައުމަށްޓަކައި އޮންނާނެ ލޯތްބާއި، އެފަދަ ބޭފުޅަކު ގައުމަށްޓަކައި ކޮށްދެއްވާނެ މަސައްކަތްތައް އަޅުގަނޑުމެން ކޮންމެ މީހަކު ވިސްނަންޖެހޭނެ. އެފަދަ ބޭފުޅަކު ގައިމުވެސް ގައުމަށް ޣައްދާރުނުވާނެކަން އެނގެންޖެހޭ،“ ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓަށްވެސް ތާއީދު ހޯއްދެވުމަށް އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ.
ސާޖިދާ ވިދާޅުވީ ޕީއެންސީ ކެންޑިޑޭޓުންގެ ފަސްބައި ބަލާއިރު، އެ ބޭފުޅުންނަކީ ގައުމީ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ބޭފުޅުންކަން ޔަގީންވާ ކަމަށެވެ.
ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮންގްރެސް ޕާޓީގެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި ވާދަވެރި ޕާޓީތަކުގެ އާންމު މެންބަރުންވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.



