މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ، ޏ. ފުވައްމުލައް، ދޫޑިގަން، ދުންފިނިގެ، އަބްދުލްއަޒީޒު މުހައްމަދު (64އ) ކަމަށެވެ.
ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ، އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެން ކަމުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.



