ދިވެހި ނަރުހުން އަލަށް ރަޖިސްޓްރީވުމަށް ކޯސް ނިންމިކަމުގެ ލިއުން ހުށަހެޅިނަމަވެސް، ކޮލިފިކޭޝަން ސެޓްފިކެޓް ހުށަނާޅާނަމަ ދޫކުރާނީ ވަގުތީ ރަޖިސްޓްރޭޝަނެއްގެ ގޮތުގައި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ނިންމައިފިއެވެ.
މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުގައި ދިވެހި ނަރުހުން އަލަށް ރަޖިސްޓްރީވުމަށް ކޯސް ނިންމިކަމުގެ ލިއުން ހުށަހަޅަމުންދިޔަނަމަވެސް، ރަސްމީ ކޮލިފިކޭޝަން ސެޓްފިކެޓް ހުށަނާޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ކޯސް ނިންމިކަމުގެ ލިޔުމަށް ބިނާކޮށް ދާއިމީ ރަޖިސްޓްރޭޝަނަކާއެކު ޕްރޮވިޝަނަލް ލައިސަންސެއް ދޫކުރަމުންދެއެވެ.
ނަމަވެސް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯސް ނިންމިކަމުގެ ލިޔުމާއެކު ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކަށް ދޫކުރެވޭނީ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަނާއި ޕްރޮވިޝަނަލް ޕްރެކްޓިސިންގ ލައިސަންސް ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އަދި ދާއިމީ ރަޖިސްޓްރޭޝަން ދޫކުރެވޭނީ ކޮލިފިކޭޝަން ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން، ކޮމްޕިޓެންސީ އިމްތިހާނުން ފާސްވެގެން ލައިސަންސް ހޯދުމަށް ހުށަހަޅާ ނަރުހުންނާއި، އިތުރު ކޮލިފިކޭޝަން ހިމަނަން އެދޭ ނަރުހުންވެސް، ކޮލިފިކޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.



