އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި އެގައުމަށް އެރި މި ތޫފާނަކީ މި މަހުގެ ތެރޭގައި އެގައުމަށް ކުރިމަތިވި މިފަދަ ތިންވަނަ ބޮޑު ތޫފާނެވެ.
”ޗަންދްރާ“ގެ ނަމުން ނަންދެވިފައިވާ މި ތޫފާނާ ގުޅިގެން އިނގިރޭސިވިލާތުގެ ގިނަ ސަރަހައްދުތަކަށް މިހާރު ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ބައެއް ސަރަހައްދުތަކަށް ސްނޯ ފޭބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދަކީ އުތުރު އަޔަލޭންޑެވެ. އެ ސަރަހައްދަށް ބާރަށް ވައިޖެހި، އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތަކަށް މޫސުން ގޯސްވެދާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.
މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް، ގަސްތައް ވެއްޓުމުގެ ސަބަބުން ގައުމުގެ ބޮޑެތި މަގުތައް ހިމެނޭހެން ގިނަ މަގުތަކެއް ވަނީ ބަންދުވެފައެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ތޫފާނުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ބައެއް މީހުން ގެއްލިފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.
މޫސުން ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ތޫފާނުގެ އަސަރު ދެމިގެންގޮސް، ކުރިއަށް އޮތް މަހުގެ ތެރޭގައި ވެސް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.


