ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީންއެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގައިންގަޔަށް އަރާބަލިތަކުގެ މީހުން އެކަހެރިކޮށް ބޭތިއްބޭގޮތަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މި ފެސިލިޓީ އަޅަން ޖުމްލަ 53.5 މިލިޔަން ރުފިޔާއަށް އަލްޓެކްއާއި ހަވާލުކޮށްފައިވަނީ 435 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫޢުއަށް ފަންޑުކޮށްފައިވަނީ އޭޝިއަން އިންފްރާސްޓްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އިންނެވެ. މިއީ އެ ބޭންކުން ރާއްޖޭގައި ކުރިޔަށްގެންދާ ފުރަތަމަ ސްޓޭންޑް އެލޯން ޕްރޮޖެކްޓްކަން ފާހަގަކޮށްލެވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މެޑިސިން ކިޔަވާ ކުދިންގެ ކޮމިއުނިޓީ މޮޑިއުލްސް އަދި މިނޫންވެސް ސިއްޙީދާއިރާގެ އެތައް ތަމްރީންތަކެއް ގެންދާ މަރުކަޒެކެވެ. ނަމަވެސް، މިފަދަ ތަމްރީންތައް ގެންދިޔުމަށް ހޮސްޕިޓަލްގެ ކޮންފަރެންސް ރޫމް ނުވަތަ ސަރުކާރުގެ އެހެން މަރުކަޒެއްގެ ހޯލެއް ނުވަތަ ހޮސްޕިޓަލްގެ ބޭރުން ތަނެއް ކުއްޔަށްހިފައިގެން ކުރިޔަށް ގެންދާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
ކުޅުދުއްފުށި ހޮސްޕިޓަލްގެ ދަށުން އަތޮޅުތެރޭގެ މަރުކަޒުތަކުގެ މުވައްޒަފުންނާއެކު 700އަށްވުރެ ގިނަ މުވައްޒަފުން ބަލަހައްޓާއިރު، މުވައްޒަފުން ތަމްރީންކުރާނެ ރަނގަޅު ވަސީލަތްތަކެއްވެސް ނެތްކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި ކޮމިއުނިޓީއާއިގުޅޭ މާސް ވޮރކްޝަޕްތައް ހިންގާނެ ޖާގަވެސް ނެތުމުގެ ސަބަބުން އެކަމަށްޓަކައި، ބޭނުންކުރަނީ ރަށުގެ ސްކޫލް ހޯލްފަދަ ތަންތަންކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ވުމާއިއެކު، މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ފެސިލިޓީގައި ފާޚާނާއާއެކު 14 ޕްރައިވެޓް ރޫމް ހުންނާނެއެވެ. މި 14 ކޮޓަރި ހުންނާނީ ބަލިމިހާގެ އިތުރަށް ބަލިމީހާގެ އެހީތެރިއާއާއެކު ހުރެވޭގޮތަށެވެ. މިކޮޓަރިތަކުގެ ތެރޭގައި މޮޑަރޭޓް ޕޭޝަންޓް، ކްރިޓިކަލް ޕޭޝަންޓް އަދި ޕޭޝަންޓް ވިތް ސްޕެޝިއަލް ނީޑްއަށް ހާއްސަކުރެވިގައިވާ ކޮޓަރި ހުންނާނެކަމަށް ސިއްޙީ ވުޒާރާއިން ބުންޏެވެ. އަދި ޑައިލިސިސް ރޫމް، އެމަރޖެންސީ ރޫމް، މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ، ނާރސް ސްޓޭޝަންސް، އޮޓޯކްލޭވް ރޫމްސް، އެޑްމިން ރޫމް، ބްރީފިންގ ރޫމް، ޔުޓިލިޓީ ރޫމްސް، ޓީރޫމް، ޑޮނިންގް، ޑޮފިންގ އަދި ވަކިން ނަމާދު ކުރެވޭ ގޮތަށް ނަމާދު ކޮޓަރިއެއްވެސް މި މަޝްރޫޢުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރަށް މިއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، މަލްޓިޕާރޕޯސްހޯލެއްވެސް ހުންނާނެކަމަށް ސިއްޙީ ވުޒާރާއިން ބުންޏެވެ.



