ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 1،857 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
މި މަހުގެ 17 ވަނަ ދުވަހު އިންތިޚާބަށް ހުޅުވާލި ފަހުން ފާއިތުވި 10 ދުވަހުގެ ތެރޭގައި ޖުމްލަ 2،254 ފޯމު ވަނީ ހުށަހަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ކައުންސިލްތަކަށް ވާދަކުރުމަށް 1،276 ފޯމު ހުށަހަޅާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް 978 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ކައުންސިލްތަކަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 994 ފޯމުގެ ތެރެއިން 852 ފޯމު ޝަރުތު ފުރިހަމަވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި 282 ފޯމުގެ ތެރެއިން 188 މީހެއްގެ ޝަރުތު ފުރިހަމަވެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 795 ފޯމުގެ ތެރެއިން 692 މީހުންގެ ޝަރުތު ހަމަވާއިރު، އަމިއްލަގޮތުން ވާދަކުރަން ފޯމު ހުށަހެޅި 183 މީހުންގެ ތެރެއިން 125 މީހެއްގެ ކެންޑިޑެސީ ވަނީ ގަބޫލުކޮށްފައެވެ.
ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ އަލުން ފޯމު ހުށަހަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި ކެންޑިޑެސީ ގަބޫލުނުކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފޯމުތައް ފުރިހަމައަށް ހުށަހަޅާފައި ނެތުމާއި، ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް މަދުވުން ހިމެނެއެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމަށް ޚާއްޞަ ”ސިމެދަ“ ޕޯޓަލްވެސް ދަނީ ބޭނުންކުރަމުންނެވެ.




