އިންޑިއާގައި މިވަގުތު ހުރި އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާ އަރްޖިތު ސިންގު، ފިލްމުތަކަށް ލަވަކިޔައިދިނުން ނުވަތަ ”ޕްލޭބެކް ސިންގިން“ ހުއްޓާލިކަން އިއުލާންކޮށްފިއެވެ.
އަރްޖިތު މިކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށް މިރޭ ކުރި ޕޯސްޓެއްގައެވެ.
އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ، މިވީ އަހަރުތަކުގައި އަޑުއެހުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ލޯތްބަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
”އަހަރެން މިއަދު މި އިއުލާން ކުރަނީ މީގެ ފަހުން ފިލްމުތަކަށް ލަވަކިޔުމުގެ އެއްވެސް އާ މަސައްކަތެއް ބަލައިނުގަންނާނެ ކަން،“ އަރްޖިތު ލިޔެފައިވެއެވެ.
އޭނާ އިތުރަށް ބުނީ ފިލްމީ ދާއިރާއާ ދުރަށް ދާން ނިންމި ނަމަވެސް، އެއީ ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ.
ކުއްލި ގޮތަކަށް އަރްޖިތު މި ނިންމުން އިއުލާން ކުރުމުން އޭނާގެ ފޭނުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ބައެއް ފޭނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ފޭނަކު ކުރި ކޮމެންޓަކަށް ޖަވާބު ދެމުން އަރްޖިތު ބުނީ އޭނާ މިއުޒިކް އުފެއްދުން އެއްކޮށް ހުއްޓާލަނީ ނޫން ކަމަށެވެ. މިއީ ހަމައެކަނި ފިލްމުތަކަށް ލަވަކިޔުން ހުއްޓާލުމުގެ ނިންމުމެއްކަން އޭނާ ސާފުކޮށްދިނެވެ.
އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ލަވަކިޔުންތެރިންނަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބެނީ ފިލްމުތަކަށް ލަވަކިޔައިގެންނެވެ. އަރްޖިތަކީ މިހާރު ބޮލީވުޑްގެ ކޮންމެ ފިލްމެއްގައިހެން ލަވައެއް ހިމެނޭ، އެންމެ ނުފޫޒުގަދަ އެއް ފަންނާނެވެ. އޭނާ ވަނީ ހިންދީ ބަހުގެ އިތުރުން ބެންގާލީ، ތަމަޅަ، ތެލެގޫ، މަރާޓީ އަދި ކަންނާޑާ ބަހުން ވެސް ކާމިޔާބު ލަވަތަކެއް ކިޔައިދީފައެވެ.
ލޯބީގެ ލަވަތަކުގެ އިތުރުން ސޫފީ މިއުޒިކާއި، ހިތްދަތި ލަވަތަކާއި ގައުމީ ލަވަތަކުން ވެސް އާންމުންގެ ހިތްތައް ފަތަހަކޮށްފައިވާ އަރްޖިތު ވަނީ މިހާތަނަށް 300 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައެވެ.



