އިރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވައިފިއެވެ.
ސައުދީ ގެޒެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަލީއަހުދު މިކަން ހާމަކުރެއްވީ އިރާންގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާންއާއެކު ފޯނުން ގުޅުއްވައި ކުރިއަށް ގެންދެވި މުހިންމު މަޝްވަރާތަކެއްގެ ތެރެއިންނެވެ.
މި މަޝްވަރާތަކުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިރާނަށް ހަމަލާދިނުމަށް ސައުދީގެ ވައިގެ ސަރަހައްދު ނުވަތަ އެހެންވެސް ސަރަހައްދެއް ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި އިރާންގެ ސިޔާދަތަށް ސައުދީން ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި، އިރާނާ ދެކޮޅަށް ހިންގާ އެއްވެސް އުދުވާނަކަށް ސައުދީން ތާއީދު ނުކުރާނެ ކަމުގެ ޔަގީންކަންވެސް ވަލީއަހުދު ވަނީ ދެއްވާފައެވެ.
މެދުއިރުމަތީގެ މަޝްރަހު ފިނިކުރުމަށާއި ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ސައުދީން މަސައްކަތް ކުރައްވާނެ ކަމަށް ވަލީއަހުދު ވިދާޅުވިއެވެ. މިކަމާ ގުޅިގެން އިރާންގެ ރައީސް ޕެޒެޝްކިއާން ވަނީ ސަރަހައްދީ ހަމަޖެހުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް އެއްބާރުލުން ދިނުމަށް އިރާން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
މި މަޝްވަރާތައް މި ކުރެވުނީ އެމެރިކާއާއި އިރާނާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ވަނީ ގަލްފް ސަރަހައްދަށާއި މެދުއިރުމައްޗަށް އެގައުމުގެ އަސްކަރީ ފައުޖުތައް ޖަމާކުރަން ފަށާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ހިމެނޭ ”ސްޓްރައިކް ގްރޫޕް“ އެއް މިހާރު ވަނީ ގަލްފް ސަރަހައްދަށް ފޮނުވާފައެވެ.
އެމެރިކާގެ މި ހަރަކާތްތަކާ ގުޅިގެން އިރާނުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އިރާނުން ބުނެފައިވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ، ރައްދުގައި ދެވެން އޮތް އެންމެ ވަރުގަދަ ހަމަލާ ދޭނެ ކަމަށެވެ.
އަދި އެފަދަ ހާލަތެއްގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ ކޮންމެ މިލިޓަރީ ބޭސްއަކީ އިރާންގެ އަމާޒަކަށް ވާނެ ކަމަށްވެސް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.



