ޓެކްސީގެ ހިދުމަތްތައް ރަނގަޅުކުރުމަށާއި ފުރުސަތުތައް ފުޅާކުރުމަށްޓަކައި ޓެކްސީ ޤަވާއިދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
މި އިސްލާހުތަކުގެ ދަށުން މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ހިދުމަތްދޭ ފަރާތްތަކަށް ހާއްސަ ހުއްދައެއް ހޯދުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މޯބައިލް އެޕްލިކޭޝަނެއް ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ޓެކްސީ ސެންޓަރުތަކުން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ. މި ހުއްދަ ހޯދައިގެން ޑިޖިޓަލް ހިދުމަތް ދިނުމަކީ ހިދުމަތް ދޭ ޑްރައިވަރުން ޖަވާބުދާރީ ކުރުވުމަށް ލިބޭ ބާރެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޓެކްސީ ޤަވާއިދަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް ވަނީ މަދުކޮށްފައެވެ. މީގެ ސަބަބުން އާ ސެންޓަރުތައް އުފެދުމަށް ހުރި ހުރަސްތައް ކުޑަކުރެވި، މާކެޓުގައި ވާދަވެރިކަން އުފެދި، އާންމުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
މީގެ އިތުރުން، ލައިސަންސް އޮންނަ ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓަރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ބަދަލުގެ ސަބަބުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުންފުންޏަކުން ދަތުރުފަތުރުގެ ހިދުމަތް ދޭ ނަމަ، އެކަމަކީ އެ ކުންފުންޏެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ކަށަވަރުކޮށް، ގަވާއިދާ އެއްގޮތަށް ހުއްދަ ހޯދުން ލާޒިމްވާނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ހުރިހާ ބަދަލުތަކެއްގެ މައިގަނޑު އަމާޒަކީ ފަސިންޖަރުންނާއި ހިދުމަތް ދޭ ފަރާތްތަކަށްވެސް މަންފާ ކުރާނެ، އިތުބާރު ހުރި އަދި ޒަމާނީ ޓެކްސީގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި ޑްރައިވަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 ކާރެވެ. މީގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީތައްވެސް ހިމެނޭނެއެވެ.




