ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށް %50 އަށް ކުޑަކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަށް ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އިންތިޤާލީ އުޞޫލުގެ ޤަވައިދުގައި ވާގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން 14 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.
މިހާތަނަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުން އައީ 500 ރުފިޔާއެވެ. ނަމަވެސް އެމްއެފްޑީއޭ އިން ގެނައި މި ބަދަލާއެކު، ދެން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 250 ރުފިޔާ އެވެ. މިއީ އެއްފަހަރު ދައްކަންޖެހޭ ފީއެކެވެ.
މީގެ އިތުރުން، އަހަރީ ފީގެ ގޮތުގައި 2،000ރުފިޔާއިންއިން ފެށިގެން އެކި އަގުތައް އެކި ކެޓަގަރީތަކުގެ ތަންތަނުން ނަގައެވެ. މިއަދުން ފެށިގެން ދެން ދައްކަންޖެހޭނީ މި އަގުތަކުގެ ދެބައިކުޅަ އެއްބައެވެ.
މިހާރު ނަގާ އަގުތަކަކީ:
– ހޮޓާ، ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުން 2،000 ރުފިޔާ، އިތުރުވާ ކޮންމެ ބަދިގެ، ސާވިން އޭރިއާއަކަށް 100 ރުފިޔާ. އަދި އިތުރުވާ ކޮންމެ 50 ގޮނޑިއަކަށް ވެސް 100 ރުފިޔާ
– ކޭޓަރިން، ބޭކަރީ އަދި ޕޭސްޓްރީ ޝޮޕްތަކުން 1000 ރުފިޔާ
– ބަތްޕާރުސަލް ހަދައި ވިއްކާ ޓޭކްއަވޭ ތަންތަނުން 2000 ރުފިޔާ
– ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކޮށް ފޯރުކޮށްދޭ ބަދިގެތަކުން 2،000ރުފިޔާ
– ހެދިކާ ވިއްކާ ތަންތަނުން 2،000ރުފިޔާ
– ޖޫސް ފަދަ ބުއިންތައް އެކަނި ވިއްކާ ތަންތަނުން 2،000ރުފިޔާ
– މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ގާޑިޔާ އަދި އެހެން އުޅަނދުތަކުން 500ރުފިޔާ
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭ އަށް ޤާނޫނީ ޙައިސިއްޔަތު ލިބި، 23 އޯގަސްޓް 2024 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޮތޯރިޓީ އަލުން އެކުލަވާލައްވާފައެވެ. މި ޤާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަރަޖަކުރުމާއި، ލައިސަންސް ދޫކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއަށެވެ.



