ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާތީ، ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުލުން ބޭއްވުމަށް ކޮންސްޓްރަކަޝަން މިނިސްޓްރީން ނިންމައިފިއެވެ.
މި ބަދަލު ގެނައީ ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ، އެ އަދަދު ހިމަނައިގެން އެކުލަވައިލި އައު ޕްލޭނާ ގުޅިގެންނެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ޖުމްލަ 4,072 ގޯތި ހިމެނޭހެން އެކުލަވައިލި އައު ލޭންޑް ޔޫސް ޕްލޭން މިހާރު ވަނީ 26 ޖަނަވަރީ 2026 ގައި ގެޒެޓުކޮށްފައެވެ. މި ބަދަލާ ގުޅިގެން ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނެގުން ކުރިއަށް ގެންދާނެއެވެ.
ގޯތިތަކުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ހެދުނު 09:30 ގައި ސޯޝަލް ސެންޓަރުގެ ހޯލުގައެވެ. މި ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ މިނިސްޓްރީގެ މުވައްޒަފުންނެވެ.
ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހޭ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ މަޢުލޫމާތު އެންގޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދޫކުރާ ގޯތިތަކުގެ ތަފްސީލް
އައު ޕްލޭންގެ ދަށުން ގިރާވަރުފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލަކީ:
• 1250 އަކަފޫޓުގެ 2603 ގޯތި
• 1650 އަކަފޫޓުގެ 1214 ގޯތި
• 2050 އަކަފޫޓުގެ 254 ގޯތި
• 2450 އަކަފޫޓުގެ 01 ގޯތި
ގުރުއަތުލާ ސަރަޙައްދަށް ވަދެވޭނީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށެވެ. ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ހާޒިރުވާނަމަ، އެކަން އަންގައިދޭ ލިޔުމާއި، ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަން ޖެހެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ގުރުއަތުލައި ނިމުމުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލް ފަހުގެ ތާރީޚެއްގައި އާންމުކުރާނެ ކަމަށެވެ.



