ނ. ވިހަފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ކޮންސްޓްރަކްޝަން، ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއަކީ ނ. އަތޮޅުގައި ތަރައްގީކުރާ ”އައިލާ މޯލްޑިވްސް“ ގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށި މުހިންމު މަޝްރޫއެކެވެ.
ނ. އަތޮޅުގެ ހުޅަނގު ބިތުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން 1.6 މީޓަރުގެ އުސްމިނުގައި 42 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ނ. އަތޮޅުގައި މިވަގުތު ހަމައެކަނި މާފަރު އެއާޕޯޓު އޮތް ނަމަވެސް، އަތޮޅުގެ އިތުރު ސަރަހައްދެއްގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސް މީގެކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ ކުރީކޮޅު މަސައްކަތް ފަށައި، ގާތްގަނޑަކަށް ދޮޅު އަހަރެއް ނޫނީ ދެއަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.




