މާލޭގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި 13،000 ޓަނުގެ ދެ ފެން ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ތާނގީތައް ބަހައްޓާނެ ގްރައުންޑް ތައްޔާރުކޮށް، ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ސައިޓަށް ގެނެވިފައެވެ.
އަދި ފައުންޑޭޝަންގެ މައިގަނޑު މަސައްކަތްތައް ފެށުމުގެ ކުރިން ކުރަންޖެހޭ ޓެސްޓް ޕައިލިންގެ މަސައްކަތްތައް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މި ދެ ތާނގީ ބަހައްޓާ ނިމުމުން ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރު ގާބިލްކަން މާލެއަށް ލިބިގެންދާނެ ކަމަށެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، މި އާ ދެ ތާނގީގެ ކެޕޭސިޓީއަކީ މިހާރު މާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރާ އެއްވަރުގެ އަދަދެކެވެ.
ފެނުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގީ ވަނީ ބަހައްޓާފައެވެ. މިއާއެކު ހުޅުމާލޭގެ ފެން ރައްކާކުރެވޭ މިންވަރު ވަނީ 22،600 ޓަނަށް އިތުރުވެފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން މަހު މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބަހައްޓައި، މިހާރު ދަނީ ބޭނުންކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، ހުޅުމާލޭގައި ގާއިމްކުރާ 5،000 ޓަނުގެ ފެން އުފެއްދޭ ނިޒާމުގެ މަސައްކަތް ނިންމައި، އަންނަ މަހުގެ ތެރޭގައި އެ ނިޒާމު ބޭނުންކުރަން ފެށޭނެ ކަމަށެވެ.
އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.



