ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްއަށް ބޭންކިން ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދީފިއެވެ.
އެމްއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި، އެ ބޭންކް ރާއްޖޭގައި ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސެންސް އެ އޮތޯރިޓީން ދޫކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
މި ބޭންކަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ މުއައްސަސާއެކެވެ. ބޭންކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ދިގުމުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް އިތުރުކުރުމެވެ.
އެމްއެމްއޭއިން ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކުން ހިދުމަތް ފެށުމުން ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
”މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް،“ އެމްއެމްއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރުގެ މެއި 16 ވަނަ ދުވަހު އުފެއްދެވި ބޭންކެކެވެ.



