ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދުނިޔެއަށް ހާމަކޮށްދިނުމުގައި އިސްދައުރެއް އަދާކުރަމުންދާ ފަލަސްޠީންގެ މަޝްހޫރު ނޫސްވެރިޔާ ބިސާން އޫދާގެ ޓިކްޓޮކް އެކައުންޓު ބޭންކޮށްލައިފިއެވެ.
މިލިއަނަކަށް ވުރެ ގިނަ މީހުން ފޮލޯކުރާ މި އެކައުންޓު ބޭންކޮށްފައިވާކަން ބިސާން ވަނީ އޭނާގެ އެކްސް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
ބިސާން ބުނި ގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1.4 މިލިއަން މީހުން ފޮލޯކުރަމުންދިޔަ އޭނާގެ އެކައުންޓު ބޭންކޮށްލާފައިވަނީ އެއްވެސް އިންޒާރަކާ ނުލައި ކުއްލިއަކަށެވެ.
Note, I have NO TikTok accounts
anymore! Don't be scammed !! !!
Watch this.@AbubakerAbedW @AbujomaaGaza pic.twitter.com/DdYoQvIPLh— Bisan owda (@bisan__bisan) January 28, 2026
ބިސާން އަކީ އަލްޖަޒީރާ ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކާ ގުޅިގެން ޣައްޒާގެ ހަގީގީ ހާލަތު އަންގައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ޝަރަފުވެރި އެމީ އެވޯޑު ހިމެނޭހެން ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ޙާޞިލްކޮށްފައިވާ ނޫސްވެރިއެކެވެ.
ބިސާންގެ ޓިކްޓޮކް އެކައުންޓު ބޭންކޮށްފައި މިވަނީ އެމެރިކާގެ ކުންފުންޏަކުން ޓިކްޓޮކް ގަނެފައިވާ ދަނޑިވަޅެއްގައެވެ. ބިސާން ތުހުމަތުކުރާ ގޮތުގައި އޭނާގެ އެކައުންޓު ބޭންކުރުމުގެ ފަހަތުގައި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޓިކްޓޮކްގެ އެމެރިކާ ގޮފީގެ އައު ސީއީއޯ އެޑަމް ޕްރެސަރގެ ބޮޑު ދައުރެއް އެބައޮތެވެ.
ނަތަންޔާހޫ ވަނީ މިދިޔަ އަހަރު އެމެރިކާއަށް ކުރި ދަތުރުގައި ޓިކްޓޮކްގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. އަދި އެމެރިކާ ކުންފުނިން ޓިކްޓޮކް ގަތުމުގައި އޭނާގެ ބޮޑު ދައުރެއް އޮތް ކަމަށް ނަތަންޔާހޫ މީގެ ކުރިން ބުނެފައިވެއެވެ. އޭނާ ވަނީ ސޯޝަލް މީޑިއާއަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ސިފަކޮށް، ޓިކްޓޮކަކީ އެކަމާ ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށްވެސް ބުނެފައެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާނުތަކުގައި ގިނަ އަދަދެއްގެ ނޫސްވެރިން މަރައި، އެ ސަރަހައްދުގައި ހިންގާ ޖަރީމާތައް ފޮރުވުމަށް ޔަހޫދީން ދަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.



