އިންޑިއާގެ އަންދްރަ ޕްރަދޭޝް ސްޓޭޓުގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ހާމަކޮށްފިއެވެ.
އަންދްރަ ޕްރަދޭޝްގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ނާރާ ލޮކޭޝް ވިދާޅުވީ، ސޯޝަލް މީޑިއާއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، ހައްދެއް ނެތި މި ވަސީލަތްތައް ބޭނުންކުރުމުގެ ތެރެއަށް ކުދިން ޣަރަގުވަމުންދާ ކަމަށެވެ. އަދި ސަރުކާރުން މިކަމާ ފިޔަވަޅުއަޅަން ޖެހިއްޖެ ކަމަށް އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި މިނިސްޓަރު ވިދާޅުވިއެވެ.
ވަކި އުމުރެއްގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ. މި އުސޫލު ތަންފީޒުކުރުމުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މެޓަ، ގޫގުލް، އެކްސް އަދި ޝެއާޗެޓް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް އަންދްރަ ޕްރަދޭޝް ސަރުކާރުން ވަނީ ދައުވަތު ދީފައެވެ.
އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާއިރު، އެ ގައުމުގެ ބިލިއަނަކަށް ވުރެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރެއެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ހުރިހާ ސިޓީތަކަކާއި 95 އިންސައްތަ އަވަށްތަކަށް މިހާރު އިންޓަނެޓްގެ ހިދުމަތް ލިބެއެވެ.
އަންދްރަ ޕްރަދޭޝްގެ އިތުރުން އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގޯއާގައި ވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ގާނޫނީ މަޝްވަރާތައް ވަނީ ފަށާފައެވެ.
ކުޑަކުދިން ސޯޝަލް މީޑިއާއިން ދުރުކުރުމުގެ ހަރަކާތްތައް ދުނިޔޭގެ އެކި ކޮޅުތަކުގައި ދަނީ ވަރުގަދަވަމުންނެވެ. އެގޮތުން އޮސްޓްރޭލިއާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައެވެ. އަދި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ މި ހަފްތާގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފައެވެ.




