މާލޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ޓާސްކްފޯސްއިން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ފީރޯޒު މަގު އަދި ކެނެރީ މަގުގައި ހުންނަ އެކަމަޑޭޝަން 2 ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި ޖުމްލަ 113 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 16 ބިދޭސީއަކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން، މިހާތަނަށް ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި މިގޮތަށް އަތުލައިގަނެވޭ ފަރާތްތައް ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށް، އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް މެދުނުކެނޑި ހިންގަމުންނެވެ.



