ކުޅުދުއްފުށި ސިޓީ އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ޙަސަން މޫސާ (33އ) އެވެ.
ފުލުހުން ބުނިގޮތުގައި ޙަސަން މޫސާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިިފައިވާ ކަމަށެވެ. އަދި އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސުލިޕް ފޮނުވައިގެން ޙަސަން މޫސާ ވިޔަފާރިކޮށްފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



