އިންޑިއާގެ ގުޖްރާތުގެ ސިޓީއެއްގައި ފިލްމު ”ބޯޑާ 2″ބަލަން ގިނަ އަދަދެއްގެ ބަޔަކު ސިނަމާއަކަށް ވަދެ ތިއްބައި، އެތަނުގެ ސީލިން ވެއްޓިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ޝޯ ކެންސަލްކޮށް، އެ ސިނަމާއިން މީހުން ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގުޖްރާތުގެ ވަލްސަދުގެ ރަހްޖާން މަލްޓިޕްލެކްސް ގައެވެ. ފިލްމު ބަލަން ގިނަ ބަޔަކު ވަދެ، ހެނދުނު 9:00 އެހާކަށްހާ އިރު ޝޯ ދައްކަން ފަށަން ތައްޔާރުވެފައި ވަނިކޮށް ސީލިން ވެއްޓުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މަހުގެ 23 އިން ފެށިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ”ބޯޑާ 2“ ދައްކަމުން އަންނަ އިރު، ފިލްމަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. ގިނަ ސިނަމާތަކެއްގެ ޝޯތައް ހައުސްފުލްވަމުންދާތީ ބައެއް ހިސާބުތަކުގައި ދަންވަރު ވެސް އަންނަނީ ޝޯތައް ދައްކަމުންނެވެ.
މިއީ 1997 ގައި ރިލީޒްކުރި މަޝްހޫރު ހަނގުރާމަ ފިލްމު ”ބޯޑާ“ އާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ.
އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ ”ބޯޑާ 2“ ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސަނީ ޑިއޯލް، ވަރޫން ދަވަން، ދިލްޖީތު ދޮސަންޖް، އަހާން ޝެޓީ، މޯނާ ސިންގް، ސޯނަމް ބަޖްވާ، އަނިއާ ސިންގް އަދި މޭދާ ރާދާ ހިމެނެ އެވެ.



