މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު، ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު 439، އިބްރާހިމް ސުޙެއިލް (53އ) އެވެ.
ކަރެކްޝަނުން މައުލޫމާތު ދޭ ގޮތުގައި އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައިވަނިކޮށް، މިއަދު ހެނދުނު 9:05 ހާއިރުއެވެ.
އޭނާ ނިޔާވީ ނިއުމޯނިއާ ޖެހިގެންކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.
އިބްރާހިމް ސުޙެއިލް އަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހި، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއްކަން ކަރެކްޝަނުން ފާހަގަކޮށްފައިވެއެވެ. އޭނާގެ ސިއްޙީ ހާލަތު ދެރަވުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށީ މީގެ ހަތް ދުވަސް ކުރިންނެވެ.
މި ހާދިސާއާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ބުނީ، އިބްރާހިމް ސުޙެއިލް ނިޔާވުމާ ގުޅިގެން އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އޭނާގެ އާއިލާއަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް މި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެ ސަރވިސްއިން ބުނެއެވެ.


