ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ 145 މީހުން މަރައިލައިފިއެވެ.
ޕާކިސްތާނުގެ ފައުޖުތަކުން މި ޚާއްޞަ އޮޕަރޭޝަން ފަށާފައި ވަނީ، ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު ދިން ނުރައްކާތެރި ޙަމަލާތަކަކާ ގުޅިގެންނެވެ.
40 ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި ހަތިޔާރު އެޅި ޖަމާޢަތަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމަށް ވެސް ސަލާމަތީ ބާރުތަކުން މަޢުލޫމާތު ދެއެވެ.
ސަލާމަތީ ބާރުތަކާއި ހަތިޔާރު އެޅި ޖަމާޢަތުގެ މީހުންނާ ދެމެދު މި ކުރިމަތިލުންތައް ހިނގާފައި ވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނު ބަލޯޗިސްތާނުގައެވެ. މިއީ އީރާނާއި އަފްޣާނިސްތާނާ ގުޅޭ ސަރަޙައްދުގައި އޮންނަ ޕާކިސްތާނުގެ އެންމެ ބޮޑު ޕުރޮވިންސެވެ.
އެ ސަރަޙައްދުގައި ބަލޯޗިސްތާނުގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބަލޯޗް ލިބެރޭޝަން އާމީ (ބީއެލްއޭ) އިން ދިން ޙަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ސަރަޙައްދުގެ ޗީފް މިނިސްޓަރު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ ނައިބު ޠަލާލް ޗޯދްރީ ވިދާޅުވި ގޮތުގައި، ބީއެލްއޭގެ ހަނގުރާމަވެރިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި އިމާރާތްތަކަށެވެ. މީގެ ތެރޭގައި ހަސްފަތާލުތަކާއި، މަދަރުސާތަކާއި، ބޭންކުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޢާންމުން ޖަމާވެފައި ތިބި މާރުކޭޓުތައް ހިމެނެއެވެ. ހަތިޔާރު އެޅި މީހުން މި ސަރަޙައްދުތަކަށް ވަދެފައި ވަނީ ޢާންމު ހެދުމުގައި، ޢާންމުންގެ ގޮތުގައި ފެންނަ ގޮތަށެވެ.
ބީއެލްއޭގެ ޙަމަލާތަކާ ގުޅިގެން ބަލޯޗިސްތާންގެ ވެރިރަށް ކުވޭތާގައި ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.
ބަލޯޗިސްތާނުގެ ޗީފް މިނިސްޓަރު ސަރްފަރާޛް ބަޣުތީ ވިދާޅުވީ، ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި ސަލާމަތީ ބާރުގެ 17 މީހުންނާއި ޢާންމުންގެ 31 މީހުން މަރުވެފައިވާ ކަމަށެވެ.




