2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މެއި، ޖޫން އިމްތިޙާނު ދިނުން ހުއްޓާލުމާ ގުޅިގެން، އެ އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ހުރުމުގެ ޚަރަދަށް އެކަނިވެސް އެވްރެޖްކޮށް 30,000 ރުފިޔާ އަށްވުރެ ގިނަ ފައިސާހޭދަވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެ މިނިސްޓްރީން ބުނީ، މި ނިންމުމުގެ ސަބަބުން ޕްރައިވެޓް ކެންޑިޑޭޓުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އިމްތިޙާނާ ގުޅޭ އިތުރު މަޢުލޫމާތުތައް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އާންމުކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



