ތުރުކީގައި އިއްޔެ ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި 16 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މި ދެ ހާދިސާގައި ވެސް ފުރޮޅާލާފައިވަނީ ދަތުރުވެރިން ގޮވައިގެން ދިޔަ ބަސްތަކެކެވެ.
ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ތުރުކީގެ އަންތަލިޔާ ސިޓީ ކައިރީގައި އޮންނަ ހައިވޭއެއްގައެވެ. ބަހެއް ކައްސާލައި ފުރޮޅާލުމުގެ ސަބަބުން ހިނގި މި ހާދިސާގައި ނުވަ މީހަކު ވަނީ މަރުވެފައެވެ. އަންތަލިޔާ ޕްރޮވިންސްގެ ގަވަރުނަރު ހުލުސީ ސާހިން ވިދާޅުވި ގޮތުގައި މި ހާދިސާގައި 25 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސްއެވެ.
ދެވަނަ އެކްސިޑެންޓު ހިނގާފައިވަނީ އަންތަލިޔާ އިން އިސްޕާޓާ އަށް ދާ ހައިވޭގައި އޮންނަ ބުރުދުރު ސަރަހައްދުގައެވެ. ޑީއެޗްއޭ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހަތް މީހަކު މަރުވެ، އިތުރު ފަސް މީހަކަށް ވަނީ އަނިޔާވެފައެވެ. މި ބަހަކީ ޓެކިރްދާގުން އަންތަލިޔާއަށް 34 މީހުންނާއެކު ދަތުރުކުރި ބަހެކެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން މަގު ކައްސާފައި އޮއްވައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުންނެވެ.
އެކްސިޑެންޓުތައް ހިނގި އަންތަލިޔާ ސަރަހައްދަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބިދޭސީ ފަތުރުވެރިން ޒިޔާރަތްކުރާ މަގުބޫލު ރިސޯޓް މަންޒިލެކެވެ. މި ހާދިސާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ތުރުކީގެ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



