އެމްޑަބްލިޔުއެސްސީ އިން މޯލްޑިވްސް ބްލަޑް ސަރވިސް އާ ގުޅިގެން މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި، މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މިވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސަރވިސްއިން މިހާރު އިޢުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބޭނުންވާ ލޭ ލިބުމުގެ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެމްޑަބްލިޔުއެސސީ ގެ ފަރާތުން ފޯރުކޮށްދިނުމެވެ.
އަދި އެއާއެކު އެމްޑަބްލިޔުއެސްސީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މީހުން ހޭލުންތެރި ކުރުވުމެވެ.
އަދި ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސަ، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.

އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެކުންފުނީގެ ގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެމުން އަންނަ އެއްބާރުލުމަށް އެމްޑަބްލިޔުއެސްސީން ވަނީ ޝުކުރު އަދާކޮށްފައެވެ.



