1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ ރަމަޟާންމަހުގެ އިނާޔަތު ފައިސާ ސަރުކާރުގެ އޮފީސްތަކުން ދިނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް މާލިއްޔަތާބެހޭ ސާރކިއުލަރއެއް މިހާރު އާންމުކޮށްފައެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް އަންގަވާފައެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އެ މިނިސްޓްރީގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް ”ޕޭ ލީވް“ (ސްކޮލަރޝިޕް މުވައްޒަފުން) އަދި ”ނޯ ޕޭ ލީވް“ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް، މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަކަށް ނިކުމެއްޖެނަމަ، އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އިނާޔަތުގެ ފައިސާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގާފައެވެ.
ކަލަންޑަރުގައިވާގޮތުން 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނީ މިމަހުގެ 18 ވާ ބުދަ ދުވަހުއެވެ.



