މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ”ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް“ ފަށައިފިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށް ގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕް ކުރިއަށް ގެންދަނީ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންނަށް ހުޅުވާލައިގެންނެވެ.
އެމްޕީއެލް އިން ބުނީ، މި ކޭމްޕް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި އެމްބީއެސްއާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ލޭ އެޕްއާ ގުޅިގެން ކަމަށެވެ.

މި ހަރަކާތަކީ ރާއްޖޭގެ ބްލަޑް ބޭންކްގައި ހުރި ލޭ މަދުވެ، އާންމުންގެ އެހީތެރިކަަމަށްވެސް އެމްބީއެސްއިން އެދިފައިވާތީ އެމްޕީއެލް އިން އިސްނަގައިގެން އިންތިޒާމްކުރި ކޭމްޕެއް ކަަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ މި ބްލަޑް ކޭމްޕްގައި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެފައިވާއިރު، ވީހާވެސް ގިނަ ބަޔަކު މި ކޭމްޕްގައި ބައިވެރިވުމަކީ އެމްޕީއެލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.



