ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީއިން ބުނިގޮތުގައި، މި ކްލާސްތައް ކުރިއަށްގެންދާނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލެއެވެ.
މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް،އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 20ކުދިންނަށް ބައިވެރިވެވޭނެއެވެ. ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ.
އެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.
މި ކްލާސްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަލް އަސްރު ޖަމިއްޔާއާގެ ނަންބަރު 7925277 އަށް ގުޅުމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
ގުރުއާން ކްލާސް ކުރިއަށްގެންދާ ލޮކޭޝަންތައް:
މި ކްލާސްތަކުގައި ބައިވެރިވުމަށް، ގޫގުލް ފޯމު https://forms.gle/KUxoVUpBhJFa7Tec7 ފުރާލާއިގެން އެންރޯލް ކުރެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ، އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ މަގްސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުން ކަމަށެވެ.
އެގޮތުން، ކުރިއަށްއޮތް ތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއްކަމަށް އެޗްޑީސީން ބުންޏެވެ.



