ނިމިދިޔަ ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު ޖުމްލަ 236 ދޯންޏަކުން މިފްކޯއަށް މަސްކިރުވާފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިފްކޯއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހު ޖުމްލަ 2,454.34 ޓަނުގެ މަސްވަނީ ކިރާފައެވެ. މި މަހަށް ދޯނިތަކަށް ޖުމްލަ 40,396,111.60 ރުފިޔާ ދޫކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހާއި، 10 ކިލޯއިން މަތީގެ ކަންނެލި އަދި 15 ކިލޯއިން މަތީގެ ކަންނެއްޏެވެ. މީގެ ތެރެއިން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަހަށެވެ.
ކަޅުބިލަމަސް:
• 199 ދޯނި
• 2301.73 ޓަނު
• ޖުމްލަ ފައިސާ: 36.9 މިލިޔަން ރުފިޔާ
ކަންނެލި (10 ކިލޯއިން މަތި):
• 168 ދޯނި
• 80.45 ޓަނު
• ޖުމްލަ ފައިސާ: 1.6 މިލިޔަން ރުފިޔާ
ކަންނެލި (15 ކިލޯއިން މަތި):
• 148 ދޯނި
• 72.16 ޓަނު
• ޖުމްލަ ފައިސާ: 1.8 މިލިޔަން ރުފިޔާ
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ގެންދަވަނީ މަސްވެރިން ކިރުވާ މަހަށް އެންމެ ލަސްވެގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމާއެކު، މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިހާރު ވަނީ ހެދިފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލައި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމުތައް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މިކަމަށްޓަކައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.



