ފަލަސްތީނުގައި ހިނގަމުން އަންނަ ލާއިންސާނީ ކަންތައްތަކާ ދެކޮޅަށް ދުނިޔޭގެ ގިނަ ބަޔަކު އަޑުއުފުލުން ހުއްޓާލާފައިވީ ނަމަވެސް، އޭނާއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ބަސްބުނާނެ މީހެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކެޓަލޫނިއާ ސަރަހައްދުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ބައެއް މީހުން ބުނާހެން ވަކިކޮޅަކަށް ބުރަނުވެ ހުންނަ މީހެއްގެ ގޮތުގައި ހުންނަން އޭނާ ބޭނުންނުވާ ކަމަށެވެ.
އަދި އޭނާއަކީ ސީދާ ފަލަސްތީނުގެ ސަޕޯޓަރެއްކަމަށް ގާޑިއޯލާ ހަރު އަޑުން ބުނެފައިވެއެވެ.
”މިދިޔަ ދެ އަހަރު އަހަންނަށް ފަލަސްތީނުގެ ކޮންމެ މީހެއްގެ ވެސް މެސެޖެއްގެ ގޮތުގައި ލިބެނީ، ސޯޝަލް މީޑިއާ އިން ވެސް ފެންނަނީ، އަހަރެމެން ގާތުގައި އެހީވާން އަންނާށޭ ބުނާތަން. އެ މަންޒަރުތަކާއި، މަރުވެފައި ތިބި ކުޑަކުދިންގެ ވީޑިއޯ އާއި ފޮޓޯތައް ފެންނާތީ، އަހަންނަށް ހީވަނީ އަހަރެމެން މިތިބީ އެ މީހުން ދޫކޮށްލައިގެންނޭ،“ ގާޑިއޯލާ ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.
ގާޑިއޯލާ އިތުރަށް ބުނީ ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލުން ދުވަހަކުވެސް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ފަލަސްތީނަށް އެހީ ވެވެން އޮތްގޮތަކަށް އެހީ ވާނެ ކަމަށާއި، އަބަދުވެސް ވާނީ ފަލަސްތީނާއި އެކީ ކަމަށް ގާޑިއޯލާ ބުންޏެވެ.




