މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ބުނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ބޭރަށް ހިންގުމުން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަކީ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެގޮތުން ކެއުމުގެ ކުރިންނާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން، އަދި ފާޚާނާ ކުރުމާއި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ އިރުޝާދު ދީފައެވެ.
ކާބޯތަކެތީގެ ޒަރީއާއިން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރޯ ތަރުކާރީއާއި މޭވާ ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށް އެޗްޕީއޭއިން އެދެއެވެ. މީގެ އިތުރުން، ކެއްކުމަށާއި ބުއިމަށް ބޭނުންކުރާ ފެން ރައްކާކުރާ ތަންތަނަކީ ސާފުތާހިރު ތަންތަންކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި އަބަދުވެސް ސާފުކޮށް ބެލެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެ ނަމަ، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން މުހިންމެވެ. އެގޮތުން ލޮނުޕެކެޓު، ސޫޕް، އަދި ކުރުނބާފެން ފަދަ ތަކެތި ބޭނުންކުރުމަށާއި، ބަލިޖެހިފައިވާ ތުއްތު ކުދިންނަށް ގާތުން ކިރުދިނުން މެދުނުކަނޑާ ކުރިއަށް ގެންދިއުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، ބޭރަށް ހިންގުމާއެކު އާދަޔާ ޚިލާފަށް ކަރުހިއްކުން، ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން ނުވަތަ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށެވެ.


