އެމްޕީއެލުން ’މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް‘ ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ކުރިއަށްދިޔަ ”މޯލްޑިވްސް މެރިން އެކްސްޕޯ 2026“ ގެ ތެރެއިން މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ.
މީގެއިތުރުން އަސާސީ މުދާލާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ސަރަޙާއްދީ ގުދަންތަކާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ޝެޑިއުލްކޮށްގެން ކުރާ ދަތުރުތަކާއި، ކޯލްޑް-ޗެއިން ކެޕޭސިޓީ އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ.
އެމްޕީއެލްއިން ބުނީ މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާމުދަލުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލުމަށް އެމްޕީއެލްއިން ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެއް ކަމަށާއި، މިއާއެކު ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ.
ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމްޕީއެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ޚިދުމަތެއްގެ ގޮތުގައި ”މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް“ ވަނީ ކަނޑައަޅައިފައެވެ.
މި ޚިދުމަތުގެ ދަށުން އެމްޕީއެލް އިން އަލަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ޚިދުމަތްތަކުގެ ތެރޭގައި ”ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް” ގެ ޚިދުމަތް ހިމެނެއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުން ސަރަޙައްދީ ބަނދަރުތަކަށް (ހިތަދޫ ޕޯޓް އަދި ކުޅުދުއްފުށީ ޕޯޓަށް) ސީދާފޮނުވައިދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގެ މަރުޙަލާތަކުގައި ހިނގާ އިތުރު ޚަރަދުތައްސަލާމަތްވެ، މުދާ އަވަހަށް ލިބޭނެ ޚަރަދުކުޑަވާނެ ނިޒާމެއް ކަމަށާއި، މިކަމުގެ ސަބަބުން ސަރަޙައްދީ ބަނދަރުތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މިކަމާއި ގުޅިގެން އެމް.ޕީ.އެލްގެ ޗީފް ލޮޖިސްޓިކްސް އޮފިސަރ އަޙްމަދު ނާޒިމް ވިދާޅުވިގޮތުގައި، މި ޚިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަކަމަކީ ޝެޑިއުލްކުރެވިފައިވާ ދަތުރުތަކެއްގެ ތެރެއިން މުދާ ޑެލިވަރކުރުމުގެ ޚިދުމަތް ލިބުމެވެ.
”ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާއި އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެއްގެ އެހީއަކާ ނުލާ އެމް.ޕީ.އެލް އިން އެ ޚިދުމަތް ފޯރުކޮށްދޭނެ. އަދި އެމް.ޕީ.އެލްގެ ފެރީ ނިޒާމްގެ ދަށުން ކަނޑައެޅިފައިވާ ދުވަހަށް މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ“ ނާޒިމް ވިދާޅުވިއެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު ލޭންޑިންގް ކްރާފްޓެއް ބަނުމަށްމިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި މި އުޅަނދުއޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަލަށް ތަޢާރަފްކުރާ ޚިދުމަތްތަކުގެ ތެރޭގައި ކޮމާޝަލް ވެއާރހައުސިންގ ހިމެނެއެވެ. ތިލަފުށީގައި ގާއިމްކުރާ މި ގުދަންތަކަކީ، ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މީގެއިތުރުން، އެމް.ޕީ.އެލް އިން މިހާރުވެސް ދެމުންގެންދާ ”ޕްރޮޖެކްޓް ކާގޯ ހޭންޑްލިންގ“ ޚިދުމަތުން ފާއިތުވި 6 މަސްދުވަހު ރަނގަޅު އާމްދަނީއެއް ލިބިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ލޮޖިސްޓިކްސް ސަރވިސްގެ ތެރެއިން ބޭރުން އަންނަ ބޮޑެތި އުޅަނދުފަހަރުތަކަށް އަމާޒުކޮށްގެންދޭ ”ސްޓީވްޑޯރިންގ” ޚިދުމަތާއި، ބޮންޑެޑް ވެއަރ ހައުސް އަދި”ސީ–ޓު–އެއަރ ކާގޯ“ ގެ ޚިދުމަތްތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ޙިދުމަތްތައް ދުވަހުން ދުވަހަށް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
އެގޮތުން ސީ-ޓު-އެއަރ ގެ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެލް.ސީ.އެލް މުދާ ހަލުވިކަމާއި ފަސޭހަކަމާއެކު އުފުލައިދިނުމަށް ފަރުމާކުރެވިފައިވާ އާ ޚިދުމަތެއް ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތުވެސް މި ޚިދުމަތުގެ ދަށުން ލިބިގެންދާނެއެވެ.
އެމްޕީއެލް އިން އިތުރަށް ބުނިގޮތުގައި، މި ހުރިހާ ލޮޖިސްޓިކްސް ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، މިއަހަރު ނިމުމުގެ ކުރިންމެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެވެ.


